ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ޚާއްޞަ ޤައުމީ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން ބާއްވަމުންދިޔަ ޤައުމީ މުބާރާތާއި ޚިލާފަށް މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަލައިގެން ކިޔެވުމުގެ ޚާއްޞަ މުބާރާތެއްގެ ގޮތުގައި ވާޗުއަލްކޮށެވެ
މުބާރާތުގައި ހިމެނޭ ކެޓަގަރީތައް:
މި މުބާރާތް އޮންނާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ:
މުޖައްވަދުކޮށް (ދިގު ރާގު)
ޙަދަރުކޮށް (ކުރު ރާގު)
މުބާރާތް ބާއްވާ ތާރީޚް:
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެބުރަކަށެވެ.
އޮޑިޝަންގެ ބުރު
އޮޑިޝަންގެ ބުރު ކުރިއަށް ދާނީ 2020 ނޮވެމްބަރ 16 ވާ ހޯމަ ދުވަހުގެ 12:00 އިން 2020 ނޮވެމްބަރ 28 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
ފައިނަލް ބުރު
ފައިނަލް ބުރު ކުރިއަށް ދާނީ 2020 ޑިސެމްބަރ 13 ވާ އާދީއްތަ ދުވަހުގެ 8:00 އިން 2020 ޑިސެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
ނޯޓް: މުބާރާތުގައި ބައިވެރިވާ ޢުމުރު ކަނޑައަޅާނީ 1 ޖަނަވަރީ 2020 އަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠުތައް:
ދިވެހި ރައްޔިތެއްކަމުގައިވުން.
މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގައި ހިމެނޭ ދެ ކެޓަގަރީގެ ތެރެއިން ކޮންމެވެސް އެއް ކެޓަގަރީއެއްގެ އެއް ޢުމުރުފުރާ ގައެވެ.
މުބާރާތުގައި ބައިވެރިވުން
މުބާރާތުގައި ރަޖިސްޓްރީވުމާއި އޮޑިޝަނުގެ ވީޑިޔޯ އަޕްލޯޑު ކުރުން ކުރިޔަށް ދާނީ މި މުބާރާތަށް ޚާއްޞަ ކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށް، 2020 ނޮވެމްބަރ 16 ވާ ހޯމަ ދުވަހުގެ 12:00 އިން 2020 ނޮވެމްބަރ 28 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
މުބާރާތަށް ޚާއްޞަ ކުރެވިފައިވާ ޕޯޓަލްއަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓު (www.islamicaffairs.gov.mv) މެދުވެރިކޮށް ވަދެވޭނެއެވެ.
މުބާރާތުގައި ބައިވެރިވިކަމަށް ބެލެވޭނީ ކެންޑިޑޭޓު ރަޖިސްޓްރީ ވިކަމުގެ މެސެޖު ކެންޑިޑޭޓަށް ލިބުމުންނެވެ.
މުބާރާތާބެހޭ އިތުރު މަޢުލޫމާތު:
މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު މުބާރާތުގެ އުޞޫލުގައި ވާނެއެވެ. މި އުޞޫލު ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ޚާއްޞަ ޤައުމީ މުބާރާތުގެ ޕޯޓަލްއިން ލިބިވަޑައިގަންނަވާނެއެވެ.