66 ވަނަ " މެލޭޝިޔާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ " ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

4 އިން 10 އޮކްޓޯބަރ 2026 އަށް މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 66 ވަނަ "މެލޭޝިޔާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށްވަނީ ލިބިފައެވެ. 

ބައިވެރިވެވޭ ކެޓެގަރީތަކާއި ކެޓެގަރީއަށް ޚާއްޞަ ޝަރުޠު:

1- މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓެގަރީ: މި ކެޓެގަރީގައި ބައިވެރިވެވޭނީ ޢުމުރުން 13 އަހަރުފުރި، 25 އަހަރު ނުފުރޭ ފަރާތްތަކަށެވެ. އަދި މުޅި ޤުރްއާން އެއްކޮށް ހިތުދަސްކޮށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ކިޔައިދީ ސަނަދު ޙާޞިލުކުރައްވާފައިވާ ޙާފިޡަކަށްވާންޖެހޭނެއެވެ. އައްޝައިޚް މިންޝާވީ ނުވަތަ އައްޝައިޚް އަބްދުލް ބާސިތުގެ މުރައްތަލް ކިޔެވުމުގެ ވައްޓަފާޅިއަށް ކިޔަވަން އެނގޭ ފަރާތަކަށް ވާންޖެހޭނެއެވެ.

2- މުޖައްވަދުކޮށް ތިލާވަތުކުރުމުގެ ކެޓެގަރީ: މި ކެޓެގަރީގައި ބައިވެރިވެވޭނީ ޢުމުރުން 18 އަހަރުފުރި، 50 އަހަރު ނުފުރޭ ފަރާތްތަކަށެވެ. އަދި މުޅި ޤުރްއާން އެއްކޮށް ބަލައިގެން ފަރިތަކަމާއެކު، ތަޖުވީދުގެ ހަމަތަކުގެމަތިން 2 މަޤާމާތަށް މުޖައްވަދުކޮށް ކިޔަވަން އެނގޭ ފަރާތަކަށްވާންޖެހޭނެއެވެ. 

ބައިވެރިވުމުގެ ޢާއްމު ޝަރުޠުތައް:

1- ދިވެހި ރައްޔިތަކަށްވުން.

2- ކުރީގައި މި މުބާރާތުގައި ބައިވެރިވެ އެއްވަނަ ހާސިލުކޮށްފައިވާ ފަރާތަކަށްނުވުން.

3- މި މުބާރާތުގައި ފާއިތުވެދިޔަ 3 އަހަރު ބައިވެރިވެ، މުބާރާތުގައި ކިޔަވާފައިވާ ފަރާތަކަށްނުވުން.

 ބައިވެރިވުމަށް އެދި ހުށަހަޅާއިރު ދެނެގަންނަން މުހިންމު ކަންތައްތައް:

1- މި މުބާރާތަކީ ދެ ޖިންސަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. 

2- މުބާރާތުގައި ބައިވެރިކުރުމަށް ރާއްޖެއަށް ފުރުސަތު ލިބިފައިވަނީ އަންހެން ބައިވެރިއަކާއި އަދި ފިރިހެން ބައިވެރިއަކާއި އެކު، ޖުމްލަ 2 (ދޭއް) ބައިވެރިންނެވެ. އެހެންކަމުން މުބާރާތުގައި ބައިވެރިކުރުމަށް ކޮންމެ ކެޓެގަރީއަކުން ހޮވާނީ އެންމެ ބައިވެރިއެކެވެ.

3- މި މުބާރާތަށް ކޮންމެ ކެޓަގަރީއަކުން ބައިވެރިއަކު، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ. މިގޮތުން އިމްތިޙާނުކުރުމުގައި ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި، ކިޔެވުމުގެ ހުނަރާއި އަޑާއި ރާގަށް ބެލޭނެއެވެ. އަދި ޙިފްޡުކޮށް ކިޔެވުމުގައި ބައިގައި ޙިފްޡުގެ ފެންވަރަށްވެސް ރިޢާޔަތްކުރެވޭނެއެވެ.

4- މުބާރާތުގައި ބައިވެރިކުރުމަށް މި މަރުކަޒުން ހޮވުމަށްފަހު ހުށަހަޅާ 2 ބައިވެރިން، މުބާރާތް އިންތިޒާމުކުރާ ފަރާތުން 3 އިން 8 މެއި 2026 އަށް ބާއްވާ އޮންލައިން ސްކްރީނިންގ ގައި ބައިވެރިވާންޖެހޭނެއެވެ. މިއީ މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ހުރިހާ ބައިވެރިންނަށް ބާއްވާ ކޮލިފައިންގ ބުރެކެވެ. މުބާރާތުގައި ކިޔެވުމަށް މެލޭޝިޔާއަށް ގެންދާނީ މި ކޮލިފައިންގ ބުރުން ފާސްވާ ބައިވެރިންނެވެ. އޮންލައިން ސްކްރީން އޮންނަ ދުވަހާއި ގަޑިއާއި ބައިވެރިވާންޖެހޭ ގޮތް ކަނޑައަޅައި ކޮންމެ ބައިވެރިއަކަށްވެސް އަންގާނީ މުބާރާތް އިންތިޒާމްކުރާ ފަރާތުންނެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައި މިވާ ލިޔެކިޔުމާއެކު 20 މާރިޗު 2026 ވާ ހުކުރު ދުވަހުގެ 15:00 ގެ ކުރިން https://forms.gle/i92A7hMcBztzxJ1y5  ގޫގުލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުން:

1- ވަނަވަރު (ސީވީ)

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ 

3- މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓެގަރީގައި ބައިވެރިވާނަމަ ޙާފިޡު ކަމުގެ ސަނަދުގެ ކުލަ ކޮޕީ 

4- ޕާސްޕޯޓުގެ ސާފު ކުލަ ކޮޕީ (ޑޭޓާ ޕޭޖު)