ރައީސްގެ ނިންމެވުމެއް: މިއަހަރުން ފެށިގެން ޤައުމީ ޤުރުއާން މުބާރާތަށް ޚަރަދު ކުރާނީ ސީދާ ދަޢުލަތުގެ ބަޖެޓުން!

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު، އެންމެ ގިނަ ދަރިވަރުން ބައިވެރިވާ ޤުރުއާން މުބާރާތެވެ. ޒަމާނުންސުރެ ރާއްޖޭގެ އެކި ކަންކޮޅުތަކުން ނުހަނު އިސްކަމެއް ދީގެން ދަރިވަރުން ތައްޔާރުކޮށް، މުބާރާތުގައި ބައިވެރިކުރަމުންދާއިރު މިއަދާއި ހަމައަށް މި މުބާރާތް ބާއްވަމުން އައީ ތަނަވަސް އެކި ފަރާތްތަކުން ދޭ ފައިސާއިން ބޮޑު ޚަރަދެއްކޮށްގެންނެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ހައިބަތު ބޮޑު، އަދި ސަރުކާރުން އެ މުބާރާތަކަށް ވަރަށް އިސްކަމެއް ދެއްވާނެ މުބާރާތެއްކަން ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2025 ވަނަ އަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އެންމެ ބޮޑެތި އިނާމުތައް ދީގެން އަދި އެންމެ އިނާމުތައް ގިނަ މުބާރާތްކަމުގައި ހައްދަވާނެކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި އަމާޒަށް ވާސިލްވުމަށް މިއަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސީދާ ދަޢުލަތުގެ ބަޖެޓުގައި ލިޔެވިގެން، ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މުބާރާތަކަށް ހެއްދެވުމަށް ރައީސް ވަނީ ނިންމަވާފައެވެ. އެކަން އިޢުލާން ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މިކަމުން އެނގިގެންދަނީ މި ސަރުކާރުން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރެެއްވުމަށާއި، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ދޭ އަހައްމިޔަތުކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިއަހަރުން ފެށިގެން ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ގޮތުގައި ވަކި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްވެސް ވަނީ ނިންމަވާފައެވެ. މި ރަސްމިއްޔާތުގެ ތައްޔާރީތައްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު އަންނަނީ ކުރަމުންކަން ފާހަގަކޮށްލެވެއެވެ.