ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ "އައްޑޫ ސިޓީ ހިތަދޫ އައުޓްރީޗް ސެންޓަރު" އިފްތިތާޙުކޮށްފިއެވެ. 2025 ސެޕްޓެންބަރު 3 ވަނަ ދުވަހުގެ ރޭ އައި.އާރު ޤުރްއާން ކުލާހުގެ ޢިމާރާތުގައި ބޭއްވުނު މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙްމަދެވެ. އަދި މަރުކަޒުގެ ޕޮލިޓިކަލް ޑިރެކްޓަރ ޢަލީ ސާލިމް ރަޝީދާއި، ކޮންސަލްޓަންޓް މުޙައްމަދު ޙިލްމީއާއި، އައްޑޫ ސިޓީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރ އަޙްމަދު ސަޢީދާއި، އައި.އާރު ޤުރްއާން ކުލާހުގެ އިސްވެރިންނާއި ހިތަދޫގެ ޢިލްމުވެރިންވެސް މި ޙަފްލާގައި ބައިވެރިވެވަޑައިގަތެވެ.
މި ސެންޓަރަކީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން، ހިތަދޫ އައި.އާރު ޤުރުއާން ކުލާހާއި އައްޑޫ ސިޓީ ކައުންސިލާއެކު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން، މަރުކަޒުގެ ޙިފްޒު ކުލާސްތަކާއި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިންގުމަށާއި، އަދި މަރުކަޒުން ހިންގާ އެހެނިހެން ޕުރޮގުރާމުތައްވެސް އައްޑޫ ސިޓީ ހިތަދޫގައި ހިންގުމަށްޓަކައި ޤާއިމުކުރެވުނު ސެންޓަރެކެވެ. އަދި މި ސެންޓަރުގައި މިވަގުތު ފެށީ ޙިފްޒު ކުލާސްތައްކަމުގައިވިޔަސް، މިއަންނަ އަހަރު ފުރަތަމަ ސެމިސްޓަރގައި ސެޓުފިކެޓު ލެވެލް ކޯސްތައްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ މިހާތަނަށް އައްޑޫ ސިޓީ ހިތަދޫގައި ފުރަތަމަ ފަހަރަށް، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ޤާއިމުކުރެވުނު ފަހަރުކަން ފާހަގަކޮށްލެވެއެވެ.
އެއްބަސްވުމުގެ ދަށުން، އައްޑޫ ސިޓީ ކައުންސިލުގެ އެހީތެރިކަމާއެކު، މަރުކަޒުން އަންގާ ގޮތުގެމަތިން މިވަގުތު ސެންޓަރު ހިންގަމުން ގެންދާނީ އައި.އާރު ޤުރުއާން ކުލާހުން، އެ ކުލާހުގެ ޢިމާރާތުގައެވެ. އަދި ހިތަދޫގައި ޢިމާރާތްކުރާ އިސްލާމީ މަރުކަޒު އަޅާ ނިމުމުން މި ސެންޓަރު ހިންގުމަށް ހަމަޖެހިފައވަނީ އެ މަރުކަޒުގައެވެ.