ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
މި އާ ވެބްސައިޓަކީ މިހާތަނަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަަޒަށް ހެދިގެންދިޔަ އެންމެ ފެންވަރު ރަނގަޅު، އާއްމުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ވެބްސައިޓެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ވެބްސައިޓު މެދުވެރިކޮށް މި މަރުކަޒުން ކުރިއަށް ގެންދާ ކޯސްތަކާއި، މަރުކަޒުން ބާއްވާ ޤުރްއާން މުބާރާތްތަކުގެ އެންމެ ފަހުގެ އަދާހަމަތައް ބަލާލެވެނޭއެވެ. މީގެ އިތުރުން މަރުކަޒުގެ ޚަބަރާއި މަޢުލޫމާތު މި ވެބްސައިޓުގެ ޒަރިއްޔާއިން އާއްމުންނަށް ތާޒާކަމާއެކު ގެނެސްދެވިގެންދާނެއެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާކަމެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކުރުމާއި ޙާފިޡުންގެ ދަސްވެނިވުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ފެށުމަކީ މިހާތަނަށް ކުރެވިފައިވާ މުހިއްމު މަސައްކަތްތަކެކެވެ.