ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އެންމެހާ މަސައްކަތްތައް ޑިޖިޓަލްކޮށް ޚިދުމަތްތައް ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މަރުކަޒުގެ "އެޕްލިކަންޓު ޕޯޓަލް" އިފްތިތާޙްކޮށްފިއެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަޙުމަދު އިރުފާހު އެވެ. މި ރަސްމިއްޔާތުގައި މަރުކަޒު ވަގުތީގޮތުން ހިންގެވުމާ ޙަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙުމަދުގެ އިތުރުން މަރުކަޒުގެ ވެރިންނާއި ސުޓާފުން ބައިވެރިވިއެވެ.
ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު ޢަބްދުލްޣަފޫރު އަޙުމަދުގެ ވާހަކަފުޅުގައި މަރުކަޒުގެ މަސައްކަތްތައް ޑިޖިޓަލް ކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުންނާއި މި މަސައްކަތުގެ ސަބަބުން މަރުކަޒަށް ލިބިގެންދާނެ ކުރިއެރުމާ ބެހޭގޮތުން އަލި އަޅުއްވާލެއްވިއެވެ. މީގެ އިތުރަށް މަރުކަޒުގެ ސުޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާނުގެ އިރުޝާދުގެ ދަށުން މި ޕޯޓަލް ޑިވިލޮޕް ކުރައްވާ އަދި ޑިޖިޓަލްކުރުމުގެ ޢަމަލީ މަސައްކަތް ކުރައްވަމުން ގެންދަވާ މަރުކަޒުގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަޙުމަދު އިރުފާހުގެ މަސައްކަތް ފާހަގަކުރައްވާ އަދި މިކަމުގައި ޝާމިލުވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
ޕޯޓަލްގެ އެޑްރެސް : https://portal.nchq.gov.mv
އެޕްލިކަންޓު ޕޯޓަލް ބޭނުންކުރާނެ ގޮތުގެ ގައިޑު ބެލުމަށް
2026 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައި ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ މި ޕޯޓަލްގެ ތެރެއިންނެވެ. ބޭނުން ކޮންމެ މީހަކަށްވެސް މި ޕޯޓަލްގައި އެކައުންޓެއް ހުޅުވޭނެއެވެ. ޕޯޓަލް ގައި ރެޖިސްޓަރކޮށް ލޮގިންވުމުން މަރުކަޒުން ޢާންމުކޮށް ހުޅުވާލާފައިވާ ކޯސްތަކާގުޅޭ މަޢުލޫމާތު ފެންނަން ހުންނާނެވެ.
ކޮންމެ ކޯހަކާ ގުޅޭ މައުލޫމާތުގައިވެސް ކޯހަށް އެޕްލައި ކުރެވޭނެ ލިންކެއް ހިމަނާފައިވާނެއެވެ. މި ލިންކަށް ވަދެގެން ފަސޭހަކަމާއެކު ކޯހަށް އެޕްލައިކުރެވޭނެއެވެ. އަދި ކޯހަށް އެޕްލައިކުރުމުގައި މައްސަލައެއް ދިމާވެއްޖެނަމަ ނުވަތަ މަޢުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެނަމަ ގުޅާނެ ދެ ނަމްބަރެއް ޕޯޓަލްގެ ޑޭޝްބޯޑުގައި ފެންނަން ހުންނާނެއެވެ. މި ނަމްބަރުތަކުން ރަސްމީ ގަޑިތަކުގައި ޖަވާބުދީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މީގެ އިތުރަށް ޑޭޝްބޯޑުގައިވާ މެސެޖުކުރުމުގެ ޚިދުމަތް ބޭނުންކޮށްގެން ކޮންމެ ގަޑިއަކުވެސް މައްސަލަ ރިޕޯޓުކުރުމާއި މެސެޖުކޮށްގެން މަޢުލޫމާތު ސާފުކުރެވެން ހުންނާނެއެވެ. މީގެ އިތުރުން ކޯހަށް އެޕްލައިކުރުމަށްފަހު އެ ފޯމުގެ އެކި މަރުހަލާތަކުގައި ކުރިއަށް ދާގޮތް ޕޯޓަލްއަށް ވަނުމުން ފެންނަން ހުންނާނެއެވެ.
އަދި ފޯމު ރިޖެކްޓް ވެއްޖެނަމަ ނުވަތަ ކޯހަށް ހޮވުމުން އެސް.އެމް.އެސް އެއް މެދުވެރިކޮށް ފޯމު ހުށަހެޅިފަރާތަށް އަންގާނެއެވެ. އަދި ފޯމް ރިޖެކްޓް ވެއްޖެނަމަ އޭގެ ސަބަބު ޕޯޓަލް އަށްވަނުމުން ފެންނަން ހުންނާނެއެވެ. އަދި އެޕްލިކޭޝަންގެ މަރުޙަލާގައި ޓެސްޓު ހިމެނިފައިވާނަމަ ޓެސްޓާގުޅޭ މަޢުލޫމާތުވެސް ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ.