ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުގެ މާނަ ފަހުމުކޮށް ދަސްކުރަން ބޭނުންވާ މީހުންނަށް ޢަރަބި ބަސް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު 'ޢަރަބިބަސް އުނގެނެމާ ޕްރޮގްރާމް' ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ޕްރޮގްރާމްގައި ބައިވެރިންނަށް ޢަރަބި ބަހުގެ އަސާސީ ގަވާއިދުތަކާއި ކީރިތި ޤުރްއާނާއި ޙަދީޘްފުޅުތައް ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތު ވަނީ ދެވިފައެވެ.

15 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމް ހިންގާފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރ މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ.

މި ޕްރޮގްރާމްގައި ޖުމްލަ 30 ބައިވެރިން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 22 ބައިވެރިން ވަނީ ކާމިޔާބުކަމާއެކު ޕްރޮގްރާމް ނިންމާ ސެޓްފިކެޓް ޙާސިލްކޮށްފައެވެ.

މި ޕްރޮގްރާމަކީ ދިވެހި ރައްޔިތުންގެ މެދުގައި އިސްލާމީ ޢިލްމު ފުޅާކޮށް، ކީރިތި ޤުރްއާނާއި ސުންނަތް ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި ކުރެވިގެންދިޔަ މަސައްކަތެކެވެ.