ކޮންމެ ރަމަޟާން މަހަކު ކުރިއަށް ގެންދާ އޮފީސްތަކުގެ ޤުރުއާން މުބާރާތް މިއަދު ހެނދުނު ފަށައިފިއެވެ.
މިއަދު އޮތް މުބާރާތުގެ ފުރަތަމަ ދަންފަޅީގައި ކިޔަވާފައިވަނީ އައިލެންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އާއި، ކްރިމިނަލް ކޯޓާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން މުބާރާތުގައި ވާދަކުރާ 23 ބައިވެރިއެކެވެ.
އޮފީސްތަކުގެ ޤުރުއާން މުބާރާތަކީ، އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ވާދަވެރި މާހައުލެއްގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމަށް ހިތްވަރު ދިނުމުގެ ގޮތުން، 2016 ވަނަ އަހަރުން ފެށިގެން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ރަމަޟާން މަހު ބާއްވަމުން އަންނަ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގައި 21 އިދާރާއަކުން 71 ބައިވެރިން ވާދަކުރެއެވެ. މުބާރާތުގެ ކިޔެވުން އޮންނާނީ އަންނަ އަންގާރަދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށް ސަލްމާން ރަސްގެފާނު މިސްކިތުގެ 5ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ. އަދި މިދިޔަ އަހަރުން ފެށިގެން މި މުބާރާތް އިންތިޒާމު ކުރަމުން އަންނަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުންނެވެ.