ކޮންމެ އަހަރަކު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ބާއްވަމުން އަންނަ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ގަވާއިދަށް މިއަހަރު މިވަނީ، ބަދަލުތަކެއް ގެނެވިފައެވެ. އެގޮތުން ޤައުމީ މުބާރާތް މީގެކުރިން ބާއްވަމުން އައިސްފައިވާ ގޮތާއި ތަފާތުކޮށް، މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، ޖުމްލަ 03 ބުރަކަށް ބަހާލައިގެންނެވެ.

މަޤްޞަދު 

މި ބަދަލުތައް ގެނެވިފައިވަނީ، ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު މުބާރާތުގެ ވާދަވެރިކަން އިތުރުކުރެވޭނެ ގޮތްތައް ބަލައި، މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ މަޤްސަދުގައެވެ. 
 
 

ގަވާއިދަށް ގެނެވުނު މައިގަނޑު އިސްލާޙްތައް 

މި އަހަރުގެ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަނިވި ގޮތަށެވެ. 

1.  މުބާރާތް ބާއްވާ ތާރީޚް: މުބާރާތް ބާއްވާނެ ތާރީޚް ވަރަށް އަވަހަށް އިޢުލާނުކުރެވޭނެއެވެ.

2.  މުބާރާތުގައި ބައިވެރިވުން: މި މުބާރާތުގައި ބައިވެރިވުމަށް އެދި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ޢާންމުކޮށް ފުރުސަތު ހުޅުވާލުމަށް ޓަކައި އިޢުލާނުކުރެވޭނެ، އަދި މި އިޢުލާނުގައި މުބާރާތުގައި ބައިވެރިވުމަށް ޓަކައި ޢަމަލުކުރަންޖެހޭ ގޮތްތައް ހިމެނިފައިވާނެއެވެ.

3. މުބާރާތުގެ ބައިވެރިވެވޭނެ ފަރާތްތައް: މީލާދީގޮތުން ޢުމުރުން 26 އަހަރު ނުފުރޭ (މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠުތައް ހަމަވާ) ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު އޮންނާނެއެވެ. މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީގޮތުންނެވެ. 


މުބާރާތް ރޭވިފައިވާ ގޮތް

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 ބުރު ހިމެނޭ ގޮތަށެވެ. އެއީ؛ 

1.  މުބާރާތުގެ އޮޑިޝަން ބުރު

2.  މުބާރާތުގެ ސެމީ ފައިނަލް ބުރު އަދި

3. މުބާރާތުގެ ފައިނަލް ބުރެވެ.

 

މުބާރާތް އޮޑިޝަން ބުރު ކުރިއަށްދާނެ ގޮތް

1. މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި އޮޑިޝަން ބުރެއް ބާއްވާނެއެވެ. މި އޮޑިޝަން ބުރު ކުރިއަށް ދާނީ އަތޮޅު ތެރޭގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގައެވެ. މިގޮތުން ފޯމު ހުށަހަޅާ ފަރާތްތަކަށް ހާޒިރުވުމަށް އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވެވިދާނެއެވެ. 

މުބާރާތުގެ ސެމީ ފައިނަލް ބުރު ކުރިއަށްދާނެ ގޮތް

2. މުބާރާތުގެ ސެމީ ފައިނަލް ބުރަށް ދާނީ، އޮޑިޝަނުން ކޮންމެ ކެޓަގަރީއަކުން، %80 (އަށްޑިހަ އިންސައްތަ) އިން މަތިން ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 500 (ފަސްސަތޭކަ) ބައިވެރިންނެވެ. 

މުބާރާތުގެ ފައިނަލް ބުރު ކުރިއަށްދާނެ ގޮތް

3. މުބާރާތުގެ ފައިނަލް ބުރަށް ދާނީ، ސެމީ ފައިނަލްގެ ކޮންމެ ކެޓަގަރީއަކުން، %85 (އަށްޑިހަ ފަހެއް އިންސައްތަ) އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 150 (ސަތޭކަ ފަންސާސް) ބައިވެރިންނެވެ. 

4. މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރު އޮންނާނީ މާލޭގައެވެ. މުބާރާތުގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ކަނޑައެޅިފައިވާ އެލަވަންސެއް ދެވޭނެއެވެ.

މުބާރާތުގެ ފަނޑިޔާރުން ކަނޑައެޅުން

1. މުބާރާތް ބާއްވަން ކަނޑައަޅާ ކޮންމެ އަހަރަކު، މުބާރާތުގެ އޮޑިޝަން ބުރާއި ސެމީ އަދި ފައިނަލް ބުރުގައި ފަނޑިޔާރުންގެ ޕެނަލް އެކުލަވައިލާނެ ގޮތް، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާނެއެވެ. 

2. ގަވައިދަށް އަލަށްގެނައި ބަދަލާއެކު މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުމަށް އިންސާފު ކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ 2 ފެނަލްގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގެ 1 ފަޑިޔާރަކު މަދުވެގެން އިންނާނެއެވެ.

މުބާރާތުގެ ވަނަތައް 

މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކޮންމެ ޢުމުރުފުރާއަކުންވެސް ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ. އަދި މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ. އަދި މީގެ އިތުރުން މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެބައިން 1ވަނަ ބައިވެރިޔާއަށް ރައީސުލް ޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތުގެ ގަވާއިދު ޢާންމުކުރުން 

މި މުބާރާތުގެ ގަވާއިދު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.


ގަވާއިދުގެ ލިންކު: ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އާ ޤަވާއިދު

ގަވާއިދުގެ މީޑިޔާ ސުޓޭޓްމަންޓުގެ ލިންކު: ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ގަވާއިދަށް ގެނެވުނު އައު ބަދަލުތަކާ ގުޅޭ މީޑިޔާ ސުޓޭޓްމަންޓް