ހއ.ދިއްދޫ އިސްލާމީ މަރުކަޒުގައި ހުންނަ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރުގައި ކީރިތި ޤުރްއާން ޙިފްޡްކުރަމުންދާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑަވްމަންޓްސްގެ ނައިބު އަލްއުސްތާޛް ޢަބްދުލްޣަފޫރު އަޙްމަދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދުކުރެއްވުމުގައި މިނިސްޓަރުގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޤުރްއާން ހިތުދަސްކުރުމުގެ މުހިއްމުކަމާއި ސަރުކާރުން މިކަމަށް ދެއްވާ އިސްކަން ހާމަކޮށްދެއްވައި ދަރިވަރުންނަށާއި އެ ދަރިވަރުންގެ ބެލެނިވެރިންނަށް ހިތްވަރުދެއްވިއެވެ.
ހއ.ދިއްދޫ އިސްލާމީ މަރުކަޒުގައި ކީރިތި ޤުރްއާނުގެ ދާއިރާއިން ކުރެވޭ މަސައްކަތްތައް ފުޅާކޮށް އިތުރުކުރުމަށް، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން މަސައްކަތްކުރަމުން ގެންދާ ކަމަށާ މިގޮތުން އަންނަ ޓާމް ފެށިގެންދާއިރު ޙިފްޡު ކްލާސްތަކުގެ އިތުރުން ލެވެލް ކްލާސްތައް ވެސް ފެށިގެންދާނެ ކަމަށް މިނިސްޓަރުގެ ނައިބު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ހއ. ދިއްދޫ ކައުންސިލްގެ ރައީސް ޢުޘްމާން ރަޝީދުއާއި ހއ.ދިއްދޫ އިސްލާމީ މަރުކަޒު ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު އެންޑް އެންޑަވްމަންޓްސްގެ ނައިބު ޢަބްދުﷲ ނަޢީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ޖުމުލަ 46 ދަރިވަރުން ޙިފްޡުކުރަމުންދާއިރު އޭގެތެރޭގައި 19ފޮތާއި 10 ފޮތް ހިތުދަސްކޮށްފައިވާ ދަރިވަރުންވެސް ތިބިކަން ފާހަގަކޮށްލެވެއެވެ.