ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާއި ހއ.ދިއްދޫ ކައުންސިލް ގުޅިގެން ހއ.ދިއްދޫ އިސްލާމީ މަރުކަޒުގައި އޮގަސްޓް  6 އިން  8 އަށް ހިންގި ޖަމާޢަތްތެރިން  ތަމްރީނުކުރުމުގެ ޕްރޮގްރާމް ފުރިަހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ، މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުއޮތީ ސެޕްޓެންބަރު 24 ވަނަދުވަހުގެ ހަވީރު 4:30 ގައި ހއ.ދިއްދޫ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖްލީހުގެ ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްލަޠީފް މުޙައްމަދުއެވެ. 

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ދެއްކެވި ވާހަކަފުޅުގައި ދިއްދުއަކީ ރާއްޖޭގެ އާބާދީ ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށަކަށްވުމުގެ އިތުރުން ހއ. އަތޮޅު ހޮސްޕިޓަލު ވެސް ހުންނަ ރަށްކަމަށް ވުމާއެކު ޖަމާޢަތްތެރިން ތަމްރީންކުރުމަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ހއ،ދިއްދޫ ކައުންސިލާ ގުޅިގެން ހއ.ދިއްދޫ އިސްލާމީ މަރުކަޒުގައި މި ޕްރޮގްރާމް ހިންގެވި ކަމީ އެ މަރުކަޒުން ކޮށްދެއްވި ވަރަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އުއްމީދަކީ ކައިރި ކުރިމަގެއްގައި ދިއްދޫ އިސްލާމީ މަރުކަޒުގައި ތަފާތު ގިނަ ކޯސްތައް ހިންގި ދީނީގޮތުން ހޭލުންތެރި، ޢިލްމީގޮތުން ކުރިއަރާފައިވާ މުޖްތަމަޢެއް ބިނާކުރެވިގެން ދިއުންކަން ފާހަގަކުރައްވައި މި ރޮނގުން ހިންގިދާނެ ކޯސްތަކުގެ މައްޗަށް އަލި އަޅުވައިލެއްވިއެވެ.

ޖުމުލަ 27 ބައިވެރިއަކު ސެޓްފިކެޓް ޙާޞިލްކުރެއްވި މިރަސްމިއްޔާތުގައި، ހއ،ދިއްދޫ އިސްލާމީ މަރުކަޒު ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު އެންޑް އެންޑަވްމަންޓްސްގެ ނައިބު ޢަބްދުﷲ ނަޢީމްއާއި ހއ.ދިއްދޫ ކައުންސިލްގެ ރައީސް ޢުޘްމާން ރަޝީދު ވާހަކަ ދެއްކެވިއެވެ. މީގެ އިތުރަށް ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންގެ ފާރަތުން އިމާމް ނަޞްރުﷲ ޙަސަން ވެސް ވާހަކަ ދެއްކެވިއެވެ. 

ޝަރފްވެރި މެހްމާނުގެ އިތުރުން ސެޓްފިކެޓް ބައްސަވައިދެއްވީ ދިއްދޫ ކައުންސިލްގެ ރައީސް ޢުޘްމާން ރަޝީދުއާއި ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޒާހިރުއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އާޝިޔާ ޢަބްދުލްޢަޒީޒުއެވެ.