66 ވަނަ " މެލޭޝިޔާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ " ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

 

4 އިން 10 އޮކްޓޯބަރ 2026 އަށް މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 66 ވަނަ "މެލޭޝިޔާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށްވަނީ ލިބިފައެވެ. 

ބައިވެރިވެވޭ ކެޓެގަރީތަކާއި ކެޓެގަރީއަށް ޚާއްޞަ ޝަރުޠު:

1- މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓެގަރީ: މި ކެޓެގަރީގައި ބައިވެރިވެވޭނީ ޢުމުރުން 13 އަހަރުފުރި، 25 އަހަރު ނުފުރޭ ފަރާތްތަކަށެވެ. އަދި މުޅި ޤުރްއާން އެއްކޮށް ހިތުދަސްކޮށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ކިޔައިދީ ސަނަދު ޙާޞިލުކުރައްވާފައިވާ ޙާފިޡަކަށްވާންޖެހޭނެއެވެ. އައްޝައިޚް މިންޝާވީ ނުވަތަ އައްޝައިޚް އަބްދުލް ބާސިތުގެ މުރައްތަލް ކިޔެވުމުގެ ވައްޓަފާޅިއަށް ކިޔަވަން އެނގޭ ފަރާތަކަށް ވާންޖެހޭނެއެވެ.

2- މުޖައްވަދުކޮށް ތިލާވަތުކުރުމުގެ ކެޓެގަރީ: މި ކެޓެގަރީގައި ބައިވެރިވެވޭނީ ޢުމުރުން 18 އަހަރުފުރި، 50 އަހަރު ނުފުރޭ ފަރާތްތަކަށެވެ. އަދި މުޅި ޤުރްއާން އެއްކޮށް ބަލައިގެން ފަރިތަކަމާއެކު، ތަޖުވީދުގެ ހަމަތަކުގެމަތިން 2 މަޤާމާތަށް މުޖައްވަދުކޮށް ކިޔަވަން އެނގޭ ފަރާތަކަށްވާންޖެހޭނެއެވެ. 

ބައިވެރިވުމުގެ ޢާއްމު ޝަރުޠުތައް:

1- ދިވެހި ރައްޔިތަކަށްވުން.

2- ކުރީގައި މި މުބާރާތުގައި ބައިވެރިވެ އެއްވަނަ ހާސިލުކޮށްފައިވާ ފަރާތަކަށްނުވުން.

3- މި މުބާރާތުގައި ފާއިތުވެދިޔަ 3 އަހަރު ބައިވެރިވެ، މުބާރާތުގައި ކިޔަވާފައިވާ ފަރާތަކަށްނުވުން.